އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ މަގާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ފަސީހު އައްޔަންކޮށްފިއެވެ.
ފަސީހު އިމިގްރޭޝަންގެ މަގާމަަށް އައްޔަނު ކުރައްވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޝަމްއާން ވަހީދު، ހަމަ ރޭގައި އެ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު ރޭ މެންދަމު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ފަސީހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައިކަމުގައި ވެސް ހީނާ ވިދާޅުވިއެވެ.
”ސައުވީސް“ އަށް ޔަގީންވެފައިވާ ގޮތުގައި ކުރިން އެމަގާމުގައި ހުންނެވި ޝަމްއާން، ރޭގައި އެ މަޤާމުން ވަކި ކޮށްފައިވަނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައެވެ.
ޝަމްއާން މަގާމުން ދުރުކޮށްފައިވާއިރު، އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރައްވަން ފަށައިފިިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ރޭ ދަންވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ރޭގައި ހިންގި އޮޕަރޭޝަނެއްގައި، ގެއެއް ބަލައިފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.