މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާގެ ފައިދާގެ ގޮތުގައި 4.58 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
އެމްއައިބީން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ހަމައެހެންމެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅަން ނިންމީ ހިއްސާއަކަށް 4.58ރ. ކަމަށާއި އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސަންޓުގެ އިތުރުވުމެއް ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.
ހިއްސާގެ ފައިދާ ބަހަން ހުށަހަޅާފައި ވަނީ 50 ޕަސަންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދޭން އަދި ހިއްސާގެ ފައިދާގެ 50 ޕަސަންޓު ބޯނަސް ހިއްސާގެ ގޮތުގައި ކަމަށްވެސް އެމްއައިބީން ބުނެފައިވެއެވެ.
އެމްއައިބީން ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރުމަށް ހުށަހަޅާފައި ވަނީ 35ރ. ގެ ރޭޓުންނެވެ.
އެމްއައިބީން ބުނީ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ކަސްޓަމަރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ ކަމަށެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގެ ނޯޓިސް އާއި އިތުރު މައުލޫމާތު އަންނަ މަހު އާންމުކުރާނެއެވެ.



