މާލެ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ ފިޠުރު އީދުގެ ކުޅިވަރުތައް “ސާދަ އެންޓަޓައިމަންޓް“ އާ ގުޅިގެން ކުރިއަށްގެންދަން މާލެ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ.
ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން އީދުގެ ފުރަތަމަ ދުވަހަށް ފަހު، އީދު ބަންދު ތިން ދުވަހު،ހަވީރާއި ރޭގަނޑު އާޓިފިޝަލް ބީޗްގައި ސާދަ އެންޓަޓައިމަންޓުން ސަގާފީ ފެސްޓިވަލެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ކުޑަ ކުދިންގެ ހަވީރަކާއި، މިއުޒިކް ޝޯއެއް ވެސް، އީދު ބަންދު ދުވަސްތަކުގައި އާޓިފިޝަލް ބީޗުގައި ސާދަ އެންޓަޓައިމަންޓުން ކުރިއަށްގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ސާދަ އެންޓަޓައިންމަންޓުން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ސަގާފީ ފެސްޓިވަލުގައި ބަނޑިއާ ޖެހުމާއި، ތާރަޖެހުމާއި ބޮޑުބެރު ޖެހުން ފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެ ފަރާތުން މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މި އެއްބަސްވުން އެކުލަވާލުމަށްޓަކައި ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ ފަރާތުން، ސޮއިކުރެއްވީ، މޭޔަރު އާދަމް އާޒިމްއެވެ. އަދި އެ އެބަސްވުމުގައި ސާދަ އެންޓަޓައިމަންޓުގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު ޖަޒުލާން ޝަރީފެވެ.



