ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޞްލާޙުކޮށްފިއެވެ.
މި ޤަރާރުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވާފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްޤީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްޤީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ.
ހަމައެހެންމެ ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ވަނީ ނިންމަވާފައެވެ.
އަދި“އުއްމީދު / ހޯޕް އައިލެންޑް“ މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްޤީކޮށް ހަމަ އެ ފަޅުން، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ މަޝްރޫޢަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫޢޫތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށާއި މުޅި ރާއްޖޭގައި، ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅާލުމަށާއި، ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅާލުމަށާއި، ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅާލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅާލުމަށާއި، މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅާލުމަށް މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމާފައެވެ.



