މާދަމާ ރޭ ރާއްޖޭގައި އާތު އަވާ ފާހަގަ ކުރަން ނިންމައިފިއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި މާދަމާރޭ އާތު އަވާ ފާހަގަކުރާނީ 9:45އިން 10:45 އަށެވެ.
އެ މިނިސްޓްރީން ވަނީ މާދަމާރޭގެ އެ ވަގުތަށް ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ފިޔަވައި، އެހެން ދިއްލުންތައް ނިއްވާލުމަށް އެދިފައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުންނާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި އާތު އަވާ ހަރަކާތުގައި އެންމެން ވެސް ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.



