ޓާޓްއަކީ ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު އާންމުކޮށް އަމިއްލައަށް ގޭގައި ތައްޔާރު ނުކުރި ނަމަވެސް، ގޭގައިވެސް ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.
އާންމުކޮށް ކެފޭތަކުންނާއި ބޭކަރީތަކުން ލިބެންހުންނަ މި ކާނާގެ ތެރެއިން މިފަހަރު މި ކިޔައިދެނީ ޗޮކްލެޓް ޓާޓް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
° 1 ޖޯޑު ރޯސްޓަޑް ކެޝޫ ނަޓްސް ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސްއެއް (މުގުރާފަ)
° 3 ޖޯޑު މާރީ ބިސްކޯދު (މުގުރާފަ)
° 2/3 ޖޯޑު ބަޓަރު
° 1 ޖޯޑު ހަކުރު
° ½ ޖޯޑު ކޮކޯ ޕައުޑަރު
° 1 ޖޯޑު ފެން
° ސައިސަމުސާ ވެނީލާ އެސެންސް
° ½ ޖޯޑު ޑާކް ޗޮކްލެޓް (ކުދިކޮށް ކޮށާފައި)
° ½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)
° ގާނިޝް ކޮށްލަން ނަޓްސް ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
° އެންމެފުރަތަމަ ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް، ފެން، ހަކުރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލުމަށްފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން އެތަކެތި އުނދުންމަތިން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.
° އެނދުންމަތިން ބޭލި ކޮކޯ މިކުސްގެ ތެރެއަށް ފުނޑާފައި ހުރި ބިސްކޯދާއި ނަޓްސް ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
° އެއަށްފަހު އެތަކެތި ޓްރޭއަކަށް އެޅުމަށްފަހު ޓްރޭގެ ފުލުގައި ދޭފަތަކުން ރަނގަޅަށް ފަތުރާލާށެވެ. އަދި ރަނގަޅަށް ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.
° ދެން އެހެން ތައްޓެއްގައި ޑާރކް ޗޮކްލެޓް އަދި ހެވީކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ހެވީކްރީމް އަޅަން ވާނީ ހޫނުކޮށް ހުއްޓައެވެ. ރަނގަޅަށް ޗޮކްލެޓް ކުލަ އަރަންދެން މިކްސް ކޮށްލަންވާނެއެވެ.
° އެއަށްފަހު ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު މި ޗޮކްލޭޓްގަނޑު ފަތުރާފައި ހުރި ބިސްކޯދު މިކުސްގެ މަތީގައި ފަތުރާލާށެވެ.
° ގާނިޝް ކޮށްލުުމަށް ނަޓްސްކޮޅެއް މި ޗޮކްލެޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރާލެވިދާނެއެވެ.
° ދެން އަނެއްކާވެސް ސެޓް ކޮށްލުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.



