ހާލުގައި ޖެހިފައިތިވި ޣައްޒާގެ ރައްޔިތުންނަށް ބަހަން އެތެރެކުރެވުނު ފުށުގެ ތެރެއިން މިހާރު ބާކީ ހުރީ އެންމެ ހަ ދުވަހަށް ވާނެވަރުގެ ފުށްކޮޅެއް އެކަނި ކަމުގައި ފަލަސްތީނުގެ ރިލީފް އޭޖެންސީ އަންރްވާ އިން އިއްޔެ ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލަން ޖެނުއަރީ މަހު ނިންމުމަށްފަހު އިޒްރޭލުން ވަނީ މިދިޔަ ހަފްތާގައި އަނެއްކާވެސް ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ. އަދި އޭގެ ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް އެހީވުމަށް ކާބޯތަކެއްޗާއި އެހެން ޒަރޫރީ ބޭނުންތަށް ވެސް ހިފައިގެންދިޔަ ވަފުދުތަށް ޣައްޒާއަަށް އެތެރެވުން ހުއްޓުވާ، މަގު ބަންދު ކޮށްފައެވެ.
އެހެންކަމުން ފާއިތުވީ ދުވަސްތަކުގައި ޣައްޒާގެ ރައްޔިތުން އުޅެމުންގެންދިޔައީ، މަގު ބަންދު ކުރުމުގެ ކުރިން އެޤައުމަށް އެހީތެރިކަން ފޯރުކޮށަދެވުނު ޖަމިއްޔާ ޖަމާއަތްތަކުން ހަދިޔާކުރި ތަކެތިން އެކަންޏެވެ. ނަމަވެސް މިހާރު އެ ތަކެތިވެސް ހުރީ ހުސްވުމާ ގާތްވެފައެވެ.
”އަހަރުމެންނަށް މި ތަކެތި އަދި އިތުރު ދުވަސަކޮޅަކަށް ހަދިޔާ ކުރެވިދާނެ ކޮންމެ ރައްޔިތަކަށް ވެސް ދޭވަރު މަދުކޮށްގެން. އެކަމަކު އެވަރުންވެސް ހިފެހެއްޓޭނީ މަދު ދުވަސްކޮޅަކަށް. ހަފްތާތަކަކަށް ނޫން“ އ.ދގެ ޖަމިއްޔާއެއް ކަމަށްވާ އަންރްވާގެ އޮފިޝަލެއް ކަމަށްވާ ސޭމް ރޯސް ބުންޏެވެ.
މީގެއިތުރުން ސޭމް ބުނީ، އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާއަށް ހަމަލާތަށް ދޭން ފެށިފަހުން، އެންމެ ދިގު މުއްދަތެއް ވަންދެން ޣައްޒާއަށް އެހީތެރިކަމެއް ނުލިބި ހުންނަން ޖެހިފައިމިވަނީ މިހާރު ކަމަށެވެ.



