މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލާފައިވާކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީން ބުނެފިއެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެކަމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި، މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ. އެދުވަހު އެ މަސައްކަތް ފަށާފައިވަނީ މަޖީދީމަގު ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
މި މަސައްކަތުގެ އަދާހަމައެއް ދެމުން އެ މިނިސްޓްރީން މިއަދު ބުނީ، އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް ހިމެނޭ ކާނުތައް މިހާރު ސާފުކޮށް ނިމިފައިވާ ކަމަށާއި މިއަދު ކުރިއަށް ދާނީ މަޖީދީމަގުގެ އޮލިމްޕަހުން ފެށިގެން ހެންވޭރާ ދިމާއަށްކަމަށެވެ.
ރަމަޟާންމަހު މި މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 ޖަހަންދެންނެވެ.
ކާނުތައް ސާފުކުރުމުގެ މަސައްކަތް ނިމޭއިރު ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށާއި، މިމަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ވާރޭ ވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެކަން އެގޮތަށް މެދުވެރިވަނީ، ކުނިބުނީގެ ސާމާނުތައް ކާނުތަކުގައި އެއްވެފައިވުމުން، ފެން ނުހިނދި ހުރުމުން ކަމުގައި ބެލެވެއެވެ.




