ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމަށާއި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް މާނަހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަހަށްވުމާއެކު، މިދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ގްލޭސިއާ ޕްރިވެންޝަން“ ކަމަށާއި މިޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށެވެ.
އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ.



