ޢީދަށް މާލެ ދިއްލާލުމަކީ މޭޔަރުކަމުގައި ހުންނެވި އިރުވެސް ރައީސް ކުރައްވަމުންގެންދެވި ކަމެއް ކަމުގައި މާލެސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އަރީޝް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢީދަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުލަބޮކި ޖަހައި މުޅި މާލެ ސަރަހައްދު ދިއްލާލުމަކީ، މާލެސިޓީގެ މޭޔަރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރަށް ކުލަގަދަކޮށް ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ.
”އޭރުގެ ސަރުކާރުގެ އުނދަގޫތަކާއި ކުރި ދުއްތުރާތަކުގެ ތެރެއިން ވެސް ކާމިޔާބު ކަންމަތީ ކުރި ޗާލު ކަމެއް. އަނެއްކާވެސް ކުރިއަށް މިދަނީ ސަރުކާރުން ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން މިކަން ފަށަން ސިޓީސް މިނިސްޓްރީއިން ނިކުންތަން“ އަރީޝް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މާލެސިޓީ ކައުންސިލާއި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ވެސް ސިޓީ ކައުންސިލުގެ އެހީތެރިކަންވެސް މިކަމުގައި އޮނަނާނެ ވާހަކަ ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީއަށް ދަންނަވާފައިވާނެ ކަމަށް އަރީޝް ވިދާޅުވިއެވެ.
ޢީދަށް މާލެ ސަރަހައްދުގައި މިހާރު ޢީދު ލައިޓު ހަރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާއިރު، އެ ލައިޓުތައް މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދިއްލަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.



