ހުޅުމާލޭގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހއ. ތުރާކުނު އާހިޔާ / މަރްޔަމް ޒީނާ (23އ.)ގެ ބަންދަށް އިތުރު އެއް މަސް ދުވަސް ޖަހައިފިއެވެ.
ޒީނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ޒީނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ފުރަތަމަ ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް އެއިރު އިތުރު 15 ދުވަސް ޖެހިއެވެ.
ތިންވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގިފައިވާ ގޮތުގައި ޒީނާގެ އެޕާޓްމަންޓުން ފެނިފައިވަނީ 12.28 ކިލޯގެ މެތާއި 1.58 ކިލޯގެ ހެރޮއިނެވެ.



