މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް އިމިގްރޭޝަންގެ ތިން އޮފިޝަލުންގެ ބަންދުގެ މުއްދަތުވެސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ގެއެއް ބަލައިފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންވަނީ އެރޭ ވިދާޅުވެފައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 21 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭގެން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް އަދި ދެން ތިބި ދެމީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ އޮފިޝަލުންގެ ވަނަވަރު ފުލުހުން އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މި ތުހުމަތާ ގުޅިގެން އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު ވެސް ވަނީ މަގާމުން ވަކިކޮށް، ކޯޓު އަމުރެއްގެ ދަށުން ރޭގައި ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު އެގޭ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ރޭގައި ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.




