ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން، ތެލެސީމިއާ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭގައި މުޒާހަރާކުރިތާ 24 ގަޑިއިރު ނުވަނީސް، އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އަށް މިއަދު ވަޑައިގެންފިއެވެ.
ރޭގެ އެ މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނެޓާ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް އައިމިނަތު ޝިރުނާގެ އިސްތިއުފާއަށެވެ.
އެނގިފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވީ މީހުންވަނީ އެމްބީއެސްގެ އެތެރޭގައާއި ބޭރުގައިވެސް މުޒާހަރާ ކޮށްފައެވެ.
ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި، އެމީހުންގެ އާއިލާތަކުން މުޒާހަރާ ކުރަން ފަށައިފައި ވަނީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނެއެވެ.
މި މައްސަލަ ރަށްރަށުގައި ވެސް އާންމުވަމުން އަންނަކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އަދި ބައެއް ލޭ އަޅާ ކުދިން ސޯޝަލް މީޑިއާގައި އަންނަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.
އެގޮތުން، މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އައު ފިލްޓަރުތައް ބޭނުންވާ ކަމަށާއި ނަރުހުންނަށް ވެސް ރޯދަ މަހު އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ފަސޭހަ ނުވާނެ ކަމަށް ބުނެފައެވެ.

މިކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެމްބީއެސްގެ ހާލަތު ބައްލަވާލެއްވުމަށް މިވަގުތު އެތަނަށް ވަޑައިގެންފައެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ މި ބައްދަލުކުރެއްވުމުގައި އެމްބީއެސްގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ.

މީގެއިތުރުން، މިވަގުތު އެތަނުން ފަރުވާ ހޯދަމުންދާ ބަލިކުއްޖެއްގެ އާއިލާއާ ބައްދަލު ކުރައްވާ ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ވެސް ރައީސް ވަނީ ސުވާލު ކުރައްވާފައެވެ.

ތެލެސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން، މިވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކޮށްގެން ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ތެލެސީމިއާ ސެންޓަރުގައި ޒަމާނުއްސުރެ ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.
ނަމަވެސް މި ސަރުކާރުން ތެލެސީމިއާ ސެންޓަރުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކޮށްދެއްވާނެ ކަމަށް ވަނީ ބުނެފައެވެ.




