އިސްރާއީލުގެ ޖަރީމާތައް ހުއްޓުވުމަށް މުސްލިމުން ހަރުކަށި ވާންޖެހޭކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޕްރިންސް ފައިސަލް ބިން ފަރުހާންއާ ހޮނިހިރު ދުވަހުގެ ހަވީރު ފޯނުން ގުޅުއްވާ ވާހަކަދައްކަވަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މި ޖަރީމާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ރައްދު ދިނުމަށް ދުނިޔޭގެ ހުރިހާ މުސްލިމް ޤައުމުތަކުން ”އެކަތިގަނޑަކަށްވެ ހަރުކަށި“ ފިޔަވަޅުތަކެއް އެޅުމަށް އައްބާސް ވަނީ ގޮވާލާފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ މިދިޔަ ހަފްތާގައި އަލުން ފެށުމަކީ ހަމާސްއާއެކު އިސްރާއީލުން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ހިލާފު ކަމެއްކަންވެސް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.
ސައުދީ ޕްރިންސް ފަރުހާން ވަނީ އިސްރާއީލުގެ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އެ ޖަރީމާތައް ހުއްޓުވުމަށް ސަރަހައްދީ ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މީގެ ކުރިން ގާތްގަނޑަކަށް 48،000 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.




