ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ސަރުކާރުން މިހާރު ތައްޔާރުކުރަމުންދާ ”އޮރެންޖް ހިޔާ“ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
އޮރެންޖު ހިޔާ އިމާރާތް ރައީސް ބައްލަވާލައްވާފައި ވާއިރު ރޭގެ ވަގުތެއްގައި ތެލަސީމިއާ ސެންޓަރުގެ ކުރިމަތީގައި އެ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނެ ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި، އެމީހުންގެ އާއިލާތަކުން ވަނީ މުޒާހަރާކޮށްފައެވެ.
އޮރެންޖު ހިޔާ އިމާރާތަށް ރައީސް ކުރެއްވި ޒިޔާރާތުގައި އެ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ހޯއްދަވާފައެވެ.
މީގެ އިތުރުން އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަމައެހެންމެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް ރައީސް އިރުޝާދު ދެއްވިއެވެ.




