ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް މުޢިއްޒު މިގޮތަށް އަންގަވާފައި ވަނީ ތެލަސީމިއާ ސެންޓަރަށް މިއަދު ހެނދުނު ވަޑައިގެން އެ ސެންޓަރުގެ އިސްވެރިންނާއި އެތާނގައި އެ ވަގުތު ތިބި ޕޭޝަންޓުންނާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރަށް މިއަދު ހެނދުނު ވަޑައިގެން ވަރަށް ތަފްސީލްކޮށް އެތަނުގައި ކަންހުރިގޮތް ބައްލަވާފައިވާ ކަމަށާއި އެ ސެންޓަރުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއިވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ތެލަސީމިއާ ސެންޓަރަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
2017 ވަނަ އަހަރުންފެށިގެން އެ ސެންޓަރު ހިންގަނީ ޑިރެކްޓަރު ޖެނެރަލްއެއް ނެތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ހައްލުކުރަން އަންގަވާފައިވާނެ ކަމަށެވެ.
ހަމައެހެންމެ މަސައްކަތް ކުރާ ގަޑި، ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ގޮތަށް ދުވަސްތަކާއި ގަޑިތައް އިތުރުކުރުމަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރު ކުރުމަށް މަޝްވަރާކޮށް މަގުފަހިކޮށްދީ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅައި އަންގަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ނަރުހުން މަދު ވާހަކަ ނަރުހުން ހޯދޭނެ ގޮތް އަދި ސީނިއާ ފިޒީޝަނެއް ހަމަޖެއްސުމަށާއި ތަނަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް ހޯދޭނެގޮތް“ މިކަންކަމާއި ގުޅޭގޮތުން އިރުޝާދު ދެއްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަަމައެހެންމެ ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި ލެބޯޓްރީ ޓެކްނީޝަނުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދުމަށްވެސް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރުގެ ހާލަތަށް ކުރިއެރުން ނާންނަކަން އެ މަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ކުރިއަށް އޮތް ތާނގައި ތެލަސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ސީދާ އެ މަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސާ ހަމަނުޖެހިގެން ކަމެއް ހައްލުނުވެ އޮވެގެން ނުވާނެކަން އެ މަނިކުފާނު ޔަގީންކުރައްވާނެ ކަމަށާއި ހުޅުމާލޭގައި ތެލަސީމިއާ ސެންޓަރު ހެދުމުން މިހާރު ހުރި ކަންބޮޑުވުންތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ސަރުކާރުން މިހާރު ތައްޔާރުކުރަމުންދާ ”އޮރެންޖް ހިޔާ“ އިމާރާތުގެ މަސައްކަތްވެސް ރައީސް ވަނީ މިއަދު ބައްލަވާލައްވާފައެވެ. އަދި އެ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަމައެހެންމެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
ތެލަސީމިއާ ސެންޓަރުގެ ހާލަތު ރައީސް ބައްލަވާލައްވާފައި މިވަނީ ރޭގެ ވަގުތެއްގައި ތެލަސީމިއާ ސެންޓަރުގެ ކުރިމަތީގައި އެ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނެ ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި، އެމީހުންގެ އާއިލާތަކުން މުޒާހަރާކޮށްފައި ވަނިކޮށެވެ.



