މަޤާމާ ހަވާލުވުމަށްފަހު ފުލެޓެއް ގަތް ކަމަށް ބުނާ ވާހަކަތައް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގު ކުރައްވައިފިއެވެ.
ފަހުމީ މިކަން ދޮގު ކުރައްވާފައި ވަނީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
”ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކައެއްކަން ދަންނަވަން“ ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ފަހުމީ ވިދާޅުވީ އެ ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށެވެ.
”ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން“ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ނަމަވެސް ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުރެ އޭނާ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔާނެ ކަމަށް ފަހުމީގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.



