މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ ވަނަވަރު ފުލުހުން ދާދި ދެންމައަކު ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ގެއެއް ބަލައިފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންވަނީ އެރޭ ވިދާޅުވެފައެވެ.
މީގެ އިތުރުން ހަމަ މިމައްސަލައިގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު ވެސް ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި އިމިގްރޭޝަންގެ ތިން މުވައްޒަފުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 21 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭގެން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް އަދި ދެން ތިބި ދެމީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ރޭގައި ވިދާޅުވެފައިވެއެވެ. އަދި ޝަމްޢާން 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން މީޑިއާތަކަށް ދާދި ދެންމައަކު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީންގެ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ ތ. ބުރުނީ މޫމިނާގޭ / މުޙައްމަދު އަލްސަން އިސްމާއިލް (21އ.) އާއި ގ. ހެޕީ ސައިޑް އިބްރާހިމް އަހްމަދު (37އ.) ގެ އިތުރުން ހަމަ އެގެއިން ހަސަން ސަހެޝަން (47އ.) ކަމަށެވެ.
މި ތިން މީހުންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ގ. ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަހީދު (36އ.) ވެސް މި މައްސަލައިގައި މިމަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރި ކަމަށް ފުލުހުން އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މި ހަތަރު މީހުންގެ އިތުރުން މ. ހަޒާރީވިލާ އަހްމަދު ލައްސާން (40އ.) ވެސް ވަނީ މި މައްސަލައާ ގުޅިގެން، ރޭގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



