ތުރުކީގެ އީސްތަންބުލްގެ މޭޔަރު އަދި އިދިކޮޅު މައި ލީޑަރު އެކްރެމް އިމާމޮގްލޫ ހައްޔަރުކޮށް ޖަލަށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެކްރެމް ޖަލަށްލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ޖަލަށްލުމާ ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކަކުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް މަގުތަކުގައި މުޒާހަރާކުރަމުންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެތައްހާސް ރައްޔިތުންނެއް މިކަމާ ގުޅިގެން ވަނީ ތުރުކީގެ މަގުތަކުގައި އަޑުއުފުލާ އިހުތިޖާޖު ކޮށްފައެވެ.
އެކްރެމް އިމާމޮގްލޫ އަކީ ތުރުކީގެ އިދިކޮޅު ލީޑަރުގެ އިތުރުން ރިޔާސީ އިންތިހާބުގައި އެ ޤައުމުގެ ރައީސް ރިސަޕް ޠައްޔިޕް އުރްދުގާންއާ ވާދަކުރާ ވެސް ހަމައެކަނި ފަރާތެވެ. އެގޮތުން 2028ގެ ރިޔާސީ ނޮމިނީއެއްގެ ގޮތުގައި ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ފަރާތުން އޭނާ ހޮވުމަށް އިއްޔެއަކީ ވޯޓުލާން އޮތް ދުވަސްވެސް މެއެވެ.
ކޮރަޕްޝަނާއި ޓެރަރިޒަމްގެ ތުހުމަތާއެކު، އެކްރެމް ޖަލަށްލުމާ ގުޅިގެން އެ ޤައުމުގެ ގިނަ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމައުގެ ގިނަ ފަރާތްތަކުން ވެސް ދަނީ އެކަމާ ފާޑު ކިޔައި އެކަން ކުށްވެރި ކުރަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ އެކްރެމް ޖަލަށްލާން ނިންމި ނިންމުމަކީ، ސިޔާސީ އަދި ޑިމޮކްރެޓިކް އަމަލެއް ނޫން ކަމަށާއި މި ނިންމުމަކީ 22 އަހަރު ވަންދެން ތުރުކީގައި ވެރިކަން ކުރަމުން އަންނަ އުރްދުގާންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުގެ ބާރު އެޅެމުންދާކަމުގެ ހެޔޮ ނިޝާނެއް ކަމަށެވެ.
އެކްރެމް ހައްޔަރު ކުރުމާ ގުޅިގެން ތުރުކީގައި ރޭގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ ކޮންޓްރޯލު ކުރުމަށް ތުރުކީ ސިފައިންނަށް ގިނަ އަދަދެއްގެ ކަރުނަ ގޭހާއި ރަބަރު އުންޑަވެސް ބޭނުން ކުރަން ޖެހުނު ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.
ހައްޔަރު ކުރުމުގެ ކުރިން އެކްރެމް ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަކީ ސިޔާސީގޮތުން އޭނާއާ ޖައްސާލައިގެން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކަށް އޭނާ ބޯ ނުލަނބާނެ ކަމަށެވެ.
އެކްރެމް ހައްޔަރު ކުރުމާ ގުޅިގެން ތުރުކީގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ، ކުރިއަށް އޮތް ދުވަސްތަކުގައި އެގައުމުގައި ބޮޑެތި އިހުތިޖާޖުތައް ވެސް ބާއްވަމުންދާނެ ކަމަށް ބެލެވެއެވެ.




