ރަށެއްގެ އިޤްތިޞާދު ކުރި އަރާ ދާނީ ބޭންކިން ޚިދުމަތްވެސް އެ ރަށެއްގައި ލިބެން ހުރެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވީ މާރަންދޫގައި ތަރައްޤީ ކުރި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ މާރަންދޫ ހިމެނޭހެން ހއ. ގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައެވެ.
މާރަންދޫ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޓުއަރިޒަމް މިނިސްޓަރު ޠާރިގް އިބްރާހިމް އެވެ.
”ރަށެއްގެ ތަރައްޤީ ރަށެއްގެ އިޤްތިޞާދު ކުރިއަރައިގެން ދާނީ އެ ރަށެއްގެ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނޭހެން ބޭންކިންގް ޚިދުމަތްވެސް ހުރެގެން، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މިއަދުން ފެށިގެން މި ރަށުގައި ހުރި ވިޔަފާރިތަކާއި އަދި މި ސަރަހައްދުގެ ވިޔަފާރިތައް އަޅުގަނޑުމެން ބަލަހައްޓައިގެން ތިއްބާ ކުރިއަރައިގެންދާނެ“ މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.
މިނިސްޓަރު ޠާރިޤް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން މިދަނީ އެ ސަރަހައްދުގައި ޓޫރިޒަމްގެ އިތުރު މަންޒިލްތަކެއް ހަދައި ޓޫރިޒަމަށް ފަހި ވާގޮތަށް ހއ. އަތޮޅާއި ހދ. އަދި ށ. ގައި އެކި ސަރަހައްދުގެ އެކި ރަށްރަށުގައި ނުވަތަ ފަޅުފަޅުގައި ޓުއަރިސްޓު ރިސޯޓު ހަދައި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
އެގޮތުން މި މަސައްކަތްކުރެވޭ އިރު ރަށުގައި ތިބެގެން ބޭންކިންގް ޚިދުމަތް ލިބިގެން ދިޔުމަކީ ވަރަށް ބޮޑު ފަސޭހައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މާރަންދޫއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭޓީއެމް ޚިދުމަތް ސިފަަކުރައްވާ އެ ޚިދުމަތް ލިބިގެން މި ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވަރަށް އެންމެން މަސައްކަތްކޮށް އެކަން ފުރިހަމަ ކުރެވޭތީ ކަމަށް ވިދާޅުވެ ޠާރިޤް ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ.
މާރަންދޫގައި ތަރައްޤީކުރި އޭޓީއެމް ހުޅުވައިދެއްވުމުގެ ގޮތުން މިނިސްޓަރު ޠާރިޤް ވަނީ އެ އޭޓީއެމް އިން ފައިސާ ނަންގަވާފައެވެ.




