ކ. ތުލުސްދޫގައި ސްޓެލްކޯއިން އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އާދީއްތަ ދުވަހު މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.
އެގޮތުން މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއު އެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 175 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 11،954،501 ރުފިޔާއަށް ކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށާއި ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގައި މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ ޚިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ވެސް ތުލުސްދޫ ކަމަށެވެ.
”ތުލުސްދޫގައި މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް“ ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ އެ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި ތުލުސްދޫ މިހާރުވެސް ފާހަގަކުރެވިފައި ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގައި ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މި އިންޖީނުގެއާ އެއްކޮށް، އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް މެންބަރު ނަޞީމް ވިދާޅުވިއެވެ.
”މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ“ ނަޞީމު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ ވަރަށް ގިނަދުވަސް ވެއްޖެ ކަމަށާއި އެހެންކަމުން މިއީ އުފާވެރި ދުވަހެއް ކަމުގައެވެ.



