ތަފާތު އެކި ހުނަރުވެރިންގެ ވާހަކަ އަޑުއަހަމެވެ. އޭގެ ތެރޭގައި މޮޅަށް ކައްކާ މީހުންނާއި، ކުރަހާ މީހުންނާއި، ތަފާތު ބާވަތްތަކުގެ އަތްތެރި މަސައްކަތް ކުރާ މީހުންގެ އަޑުވެސް އަހަމެވެ.
ނަމަވެސް ލެދަރު ބޭނުންކޮށްގެން ރާއްޖޭގައި އަމިއްލަ ތަކެތި އުފައްދައިގެން ވިއްކާ ހުނަރުވެރިއަކު ވެސް ހުރިވާހަކައަކީ، އަޅުގަނޑަށް މުޅިން އަލަށް އިވުނު ވާހަކައެކެވެ.
މި ތަފާތު ހުނަރު ދައްކުވައިދޭ ފަރާތަކީ، ”ބަސްކް“ ގެ ފައުނޑަރ، އަހްމަދު އަބްދުﷲ އެވެ. އޮރިޖިނަލް ލެދަރު ބޭނުންކޮށްގެން އޭނާގެ އަމިއްލަ އަތުން އުފައްދާ ތަކެތީގެ ތެރޭގައި ވޮލެޓު، ކާޑް ހޯލްޑަރ އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށް ’ކަސްޓަމައިޒް‘ ކޮށްގެން އުފައްދާ އެކިއެކި ތަކެތި ހިމެނެއެވެ.
ހޮބީ އެއް ގޮތުގައި ފެށި މި ލެދަރުގެ މަސައްކަތް، ރާއްޖޭގައި ނަން ހިނގާ ބްރޭންޑަކަށް ހެދުމަށް ކުރި ދަތުރާ ބެހޭ ވާހަކަ ’ސައުވީސް‘ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަހުމަދު ހިއްސާ ކުރިއެވެ.

ކިހިނެއް ފެށުނު މަސައްކަތެއް؟
އަހްމަދު ބުނީ މިއީ ކޮވިޑްއާ ގުޅިގެން އައި ލޮކްޑައުން ތެރޭގައި، ހަމައެކަނި ހޮބީއެއްގެ ގޮތުން ކުރަން ފެށި މަސައްކަތެއް ކަމަށެވެ. އެއިރު އޭނާ ލެދަރުން އެކި އެއްޗެހި ތައްޔާރު ކޮށްދިނީ އޭނާގެ އާއިލާ މީހުންނަށާއި ގާތް ބައެއް އެކުވެރިންނަށެވެ.
“ އެމީހުންނަށް ވަރަށް ކަމުދިޔަ ހެދި އެއްޗެހި. އަދި އިތުރު މީހުންވެސް އެހެންވެ އެއްޗެހި ހަދައިދޭން ބުނި. އެހެންވެ ދެން ހިތަށް އެރީ ވިޔަފާރިއެއް ގޮތަށް ދެން މިކަން ކުރަން ފަށާނީއޭ “ އަހުމަދު އޭނާގެ ވިޔަފާރި ފެށުނު ގޮތް ކިޔައިދިނެވެ.
ފުރިހަމަ ފެށުމަކާއެކީ 2021 ވަނަ އަހަރުން ފެށިގެން އަހުމަދު އަންނަނީ އޭނާއަށް ލިބިފައިވާ މި މޮޅު ހުނަރުގެ ބޭނުންކޮށް ވިޔަފާރި އިތުރަށް ފުޅާ ކުރަމުންނެވެ.

މި މަސައްކަތް ކުރަން ދަސްކުރީ ކިހިނެއް؟
މިފަދަ ކަވި މަސައްކަތެއް އަމިއްލައަށް ކުރަން ދަސްކުރީ މޮޅު ކޯހެއް ހަދައިގެންތޯ، ނުވަތަ މީހެއްގެ ފަރާތުންތޯ އަޅުގަނޑު އަހާލާ ހިތްވިއެވެ.
ޖަވާބުގައި އަހުމަދު ބުނީ އޭނާ މި މަސައްކަތް ކުރަން ދަސްކުރީ އެއްވެސް ކޯހެއް ނުހަދާ، މިކަމާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާއިން ބަލައިގެން ކަމަށެވެ.
“ ގިނައިން ހަމަ ޔޫޓިއުބާއި އިންސްޓަގްރާމުން ވީޑިއޯތައް ބަލައިގެން، އަމިއްލައަށް އެކްސްޕެރިމަންޓު ކުރީ. ވަރަށް ތަފްސީލުކޮށް ޓިއުޓޯރިއަލް ހުރޭ ޔޫޓިއުބުގައި ވެސް “ އަހުމަދު ކިޔައިދިނެވެ.

ވީޑިއޯ ބަލައިގެން ތަކެތި އުފައްދަން ފެށިއިރު، ރާއްޖެއިން މިކަމަށް ބޭނުންވާ އާލާތްތައް ފަސޭހައިން ލިބެން ނުހުންނަކަމާއި އެހެންކަމުން ފުރަތަމަ ފެށިއިރު ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަން އަހުމަދު ފާހަގަ ކުރިއެވެ.
އެގޮތުން ފުރަތަމަ ގެނެވުނީވެސް އެހާ ކޮލިޓީ ލެދަރު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެހިސާބުން ލެދަރުގެ އެކި ވައްތަރުތައް ވެސް ދަސްކުރަން ޝައުޤުވެރިކަން އުފެދުނު ކަމަށާއި އެހެންކަމުން މިހާރު ބަސްކުއިން ގެންނަނީ ”ވެޖް-ޓޭން“ ކިޔާ ލެދަރެއްކަމަށް ވެސް އަހުމަދު ބުންޏެވެ.
“ ވެޖް-ޓޭން އަކީ އެންމެ އާސާރީ ގޮތަށް ޑިޒައިން ކޮށްފަ ހުންނަ ލެދަރ. އެވައްތަރު ލެދަރު އެންމެ މަޝްހޫރީ އިޓަލީގައި. ރާއްޖޭގައި އާންމުކޮށް ފެންނަން ހުންނަނީ ސިންތަޓިކް ލެދަރާއި ޖެނުއިން ލެދަރ. ޖެނުއިން ލެދަރަކީ ހަމައެއްކޮށް ފޭކު ލެދަރެއް “ އޭނާއަށް ލެދަރާ ބެހޭގޮތުން މިހާރު ލިބިފައިވާ މައުލޫމާތުގެ މިންވަރެއް ހިއްސާ ކުރަމުން އަހުމަދު ބުންޏެވެ.

މި މަސައްކަތް ކުރާއިރު ކުރިމަތިވާ ދަތިތަކަކީ ކޮބާ؟
މިފަދަ މަސައްކަތެއް ކުރާއިރު ދިމާވާ ދަތި ކަންތައްތަކެއް ވެސް ހުންނާނެއެވެ.
އެކަމާ ބެހޭގޮތުން އަހުމަދު ބުނީ ތަކެތި ގެނައުމުގައި ބައެއްފަހަރު ދަތިކަމެއް ހުރި ނަމަވެސް މި މަސައްކަތް އޭނާ ކުރާއިރު، ކްރާފްޓިންގައި އެއްވެސް ދަތިކަމަކާ ކުރިމަތިނުވާ ކަމަށެވެ. އަދި މި މަސައްކަތުގައި މިހާރު އެއްވެސް ޗެލެންޖެއްވެސް ކުރިމަތިނުވާ ކަމުގައި އަހުމަދު ބުންޏެވެ.
“ ޗެލެންޖެއް އަނެއްހެން ނެތް. ވަރަށް ގިނަ ވަގުތު ނަގާ. އެކަމަކު ވަރަށް ކުރާހިތުން ކުރާ ކަމަކަށްވާތީ، ވަގުތު އަނެއްހެން މާބޮޑަށް ހޭދަވާކަމުގެ އިހުސާސެއް ވެސް ނުވޭ. އެންމެ އާދައިގެ ޕްރޮޑަކްޓެއް ނިންމުމަށްވެސް ނަގާނެ ގާތްގަނޑަކަށް 4-3 ގަޑިއިރު. އެންމެ ގިނަ ވަގުތު ދަނީ ސްޓިޗިންގަށް. އެއީ އެއްކޮށް ހޭންޑް-ސްޓިޗް ތަކެތި ކަމަށްވާތީ. އަޅުގަނޑުމެން އެއްވެސް މެޝިނެއް ބޭނުމެއް ނުކުރަން. މުޅި ޕްރިޑަކްޓަކީ %100 ހޭންޑްކްރާފްޓް އެއްޗެހި“ އަހުމަދު ބުންޏެވެ.

އަހުމަދުގެ ހުވަފެން: ވިޔަފާރި މުޅި ދުނިޔެއަށް ފުޅާކުރުން!
ހޮބީއެއްގެ ގޮތުގައި ފެށި މި ކުޑަ ވިޔަފާރިއަށް އަހުމަދު ދެކެމުންދާ ހުވަފެންތަށް ބޮޑެވެ.
އެގޮތުން ”ބަސްކް“ ގެ އުފެއްދުންތައް މިހާރު ހަމައެކަނި އައްޑޫއާއި ފުވައްމުލައް އަދި މާލެއަށް ފޮނުވަމުން ދިޔަނަމަވެސް، އަހުމަދު ވިސްނާފައިވަނީ މި މަސައްކަތް މުޅި ދުނިޔެއަށް ފުޅާކޮށް، މިއީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ބްރޭންޑަކަށް ހެދުމަށެވެ.
ތަކެތި އުފެއްދުމުގައި އަހުމަދު އެކަނި މަސައްކަޔް ކުރި ކަމުގައިވިޔަސް، އާއިލާއާއި އެކުވެރިންގެ ވެސް އެހީތެރިކަމާއެކު އަހުމަދު ކުރިއަރުވަމުން އަންނަ މި ހުނަރުވެރި މަސައްކަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަޝްހޫރުވާނެ ރާއްޖޭގެ އުފެއްދުމަކަށް ވެގެންދާނެ ކަމުގައި އަހުމަދު ބުންޔެވެ.
އަހުމަދު ގެ މި ވާހަކައިން ލިބިދޭ އިބުރަތަކީ ކޮންމެ މަސައްކަތަކީވެސް ވިޔަފާރި އެއް ގޮތުގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ތިމާ އަށް ލިބިފައި ހުރި ހުނަރެއް، ވިޔަފާރި އަކަށް ބަދަލު ކޮށްލުމަށް އަހުމަދުގެ ’ބަސްކް‘ އިން އިބުރަތް ހާސިލް ކުރެވިދާނެއެވެ.
ލެދަރުން ތަކެއްޗަށް އޯޑަރު ދޭން ބޭނުންވާ ފަރާތްތަކުގެ އޯޑަރު އާންމުކޮށް އަހްމަދު ނަގަނީ ބަސްކްގެ އިންސްޓަގްރާމް ޕޭޖް BUSK އިންނެވެ.





2 Comments
ހިދުމަތް ހޯދަން ވިޔާފާރިއާ ކޮންޓެކްޓް ކުރާނެ ގޮތެއް ލިޔުމުގައި ހިމަނާލައިފިނަމަ ވަރަށް ސަޅިވާނެ!
މިހާރު އިންނާނެ އިނގޭތޯ. ޝުކުރިއްޔާ