އިސްރާއީލުން އިއްޔެ ޣައްޒާގެ އުތުރަށް ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފިއެވެ.
ޝަހީދުކޮށްލާފައި ވަނީ އަލްޖަޒީރާގެ ނޫސްވެރިޔެއް ކަމަށްވާ ހުސާމް ޝަބަތް 23އ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ ހުސާމް ޝަބަތް ޝަހީދުވެފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު ބައިތު ލަހިޔާގެ ޕެޓްރޯލް ޝެޑެއް ކައިރީގައި އޭނާ ދުއްވަމުން ދިޔަ ކާރަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްްގައި ކަމަށެވެ.
އަދި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޝަބާތުގެ ކާރު ހިމެނޭ ގޮތަށް 10 އަށް ވުރެ ގިނަ ކާރަށް އިއްޔެ ހެނދުނު ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފައި ވެއެވެ.
އެ އެޖެންސީން ބުނީ އަލްޖަޒީރާގެ ނޫސްވެރިޔާގެ އިތުރުން ފަލަސްތީން ޓުޑޭ ޓީވީގެ ނޫސް ވެރިއެއް ކަމަށްވާ މުހައްމަދު މަންސޫރު ވެސް އިއްޔެ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އޭނާ ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ”ޚާން ޔޫނިސްގައި ހުންނަ އޭނާގެ ގެއަށް އަމާޒުކޮށްގެން“ ދިން ވައިގެ ހަމަލާއެއްގައެވެ.
ފަލަސްތީނުގެ ނޫސްވެރިންގެ ސިންޑިކޭޓުން ނެރުނު ބަޔާނެއްގައި ބުނި ޝަބާތާއި މަންސޫރު ޝަހީދުކޮށްލުމަކީ އިސްރާއީލުގެ ޓެރަރިޒަމްގެ ރެކޯޑަށް އިތުރުވި ޖަރީމާއެއް ކަމަށް ބުނެފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބަދަލުކުރަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 208 އަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ނޫސްވެރިންގެ ސިންޑިކޭޓުން ވަނީ ބުނެފައެވެ.


