އެލައިޑް އިންޝުއަރެންސްގެ ފަރާތުން ކުރިއަަށްގެންދާ މިސްކިތްތަކަށް އިފްތާރު ޕެކް ބެހުމުގެ ހަރަކާތް މި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސް ތަކުގައި އިތުރު މިސްކިތްތަކުގައި ވެސް ބަހަން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެކުންފުނިން ދަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ.
އެގޮތުން، މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައެވެ.
އެލައިޑުން މައުލޫމާތު ދޭ ގޮތުގައި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް މިހަރަކާތް ކުރިއަށްގެންދިޔުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް މިހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.
މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައެވެ. މިއީ އެކުންފުނި ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.




