އަންނަ އާދީއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެެއެވެ.
ފަަލަކީ އިލްމުވެރިއެއް ކަމަށްވާ ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއެއް ކަމަށްވާ ”ވޮއިސް“ އަށް ފޮނުއްވި ލިޔުއްވުމެއްގައެވެ.
“ ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ“ އެ މަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ.
އެ ދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ރައީސް މައުމޫންގެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ.
އެ މަނިކުފާނުގެ އެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވީ އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސްކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެ ކަމަށް ފެންނަ ކަމަށެވެ.
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާރިޗް 31ވާ ހޯމަ ދުވަހެވެ.



