ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތް ގެއްލި، މަލާމާތް ރައްދުވާފަދަ ގޮތަކަށް ވާހަކަ ދެއްކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިކަން ކުށްވެރި ކޮށްފައިމިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީން ދެއްކި ޕްރޮގްރާމެއްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީއެވެ.
އެގޮތުން އެ ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަކަށް ވަނީ ވާހަކަ ދައްކާފައެވެ.
އެ ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ)އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ. ޕްރޮގްރާމް ހުށަހަޅައިދިނީ ހުސައިން ރަމީޒެވެ.
ޕްރޮގްރާމުގެ ވަކި ހިސާބަކުން ދެކެވުނު ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކޮށް، އެ ކަމަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
މިކަމާ ބެހޭގޮތުން އެޗްއާރްސީއެމުން ”އެކްސް“ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވާހަކަތަށް އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
”މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވޭ. ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވޭ“ އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް އެޗްއާރްސީއެމުން ވަނީ ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ރާއްޖެޓީވީން ދެއްކި ޕްރޮގްރާމުގައި ދެއްކި އެވާހަކަތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިންވެސް ރޭގައި ވަނީ ކުށްވެރިކޮށް އެއްވެސް މީހެއްގެ ކަރާމަތް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް އިލްތިމާސް ކޮށްފައެވެ.



