ފެނަކަގެ ނަމާއި ލޯގޯ އަދި ލެޓަރ ހެޑް ނަކަލު ކޮށްގެން ސައްހަ ނޫން ލިޔުމެއް އާންމުކުރުން އެކުންފުނިން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ގަވައިދުން ރައްޔިތުންނާއި ހިއްސާކޮށް، ކަމާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އެކުންފުނިން އާންމުކުރަމުންދާ ކަމަށެވެ.
ނަމަވެސް މިފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، އެކުުންފުންޏާމެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެގޮތުން ފެނަކައިން އާންމުކުރާ ސާކިއުލާގެ ފޯމެއްޓެއްގައި، އެ ކުންފުނީގެ އިންޓާނަލް މެމޯ އެއްކަމުގައި ދެއްކުމަށް ސައްހަ ނޫން ލިޔުމެއް އުފައްދައި އާންމުކުރަމުންދާކަން ފާހަގަކޮށް ފެނަކައިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެސް ވެފައެވެ.
މީގެ އިތުރުން ފެނަކައިން ބުނީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ކަރަންޓުގެ މައްސަލައާއި ގުޅިގެން ރައްޔިތުންނާ ހިއްސާކުރެވޭ މައުލޫމާތު އެ ކުންފުނިން ހިއްސާ ކުރަމުން ދާނީ އެކުންފުނީގެ ހިތަދޫ ބްރާންޗް އަދި މަރަދޫފޭދޫ ބްރާންޗުގެ ކަސްޓަމަރުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރަމުންދާ ކޮމިއުނިޓީ ވައިބާ ގްރޫޕް މެދުވެރިކޮށް ކަމަށެވެ. އިތުރަށް ހިއްސާ ކުރެވޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނީ ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށްކަމަށް ވެސް އެ ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.



