ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ރީތީގެ ރާނީ، އައިޝްވާރްޔާ ރާއީ ބަޗަންގެ ކާރުގައި ބަހަކުން ޖެހި އެކްސިޑެންޓު ވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އައިޝްވަރްޔާގެ ކާރުގައި ޖެހިފައިވަނީ އާންމު ދަތުރުތަށް ކުރާ ”ބެސްޓް“ ކުންފުނީގެ ބޮޑު ރަތް ބަހެއް ކަމަށާއި މި އެކްސިޑެންޓު ހިނގާފައިވަނީ ޖޫހޫ ސަބަރބް ގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އެކްސިޑެންޓު ހިނގި ވަގުތު އައިޝްވާރްޔާ ކާރަކު ނެތެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން އައިޝްވާރްޔާގެ ކާރަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައިނެތް ނަމަވެސް، އިންޑިއާގެ ޚަބަރުތަކުގެ ފަލަ ސުރުހީއަށް މިހާރުވެސް ވަނީ މި ޚަބަރު އަރާފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަބަޔަކު ދަނީ މިކަމާ ގުޅިގެން ނުރުހުންފާޅު ކުރަމުންނެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އަމިތާބް ބަޗަންގެ ބަންގަލޯ ކައިރިންނެވެ. އަދި އައިޝްވާރްޔާގެ ކާރުގައި ޖެހުމުން، އާމިތާބްގެ ސެކިއުރިޓީ ގާޑު، ބަސް ޑްރައިވަރު ގައިގާ ޖެހި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.



