ރޭ ދަންވަރު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ގަނޫއާ ޝަހީދުކޮށްލައިފިއެވެ.
ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ގަނޫއާ ޝަހީދުވެފައި ވަނީ ޣައްޒާގެ އުތުރުގެ ޖަބަލިއާގައި ހުންނަ އޭނާގެ ޓެންޓަށް އިސްރާއީލުގެ ހަނގުރާމަވެރި ޖެޓްތަކުން ދިން ބޮމުގެ ހަމަލާގައެވެ.
އަބްދުލް ލަތީފް އަލް ގަނޫއާގެ ޓެންޓަށް އަމާޒުކޮށް ދިން މި ހަމަލާގައި އޭނާ ހިމެނޭހެން ފަލަސްތީނުގެ އިތުރު 8 މީހުން ވަނީ ޝަހީދުވެފަ އެވެ.
އަލް އަގްސާ ޓީވީ އާއި ޝެހާބް ނިއުސް އެޖެންސީން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްރާއީލުގެ ހަނގުރާމަވެރި ޖެޓްތަކުން ދިން ހަމަލާގައި އަލް ގަނޫއާ ޝަހީދުކޮށްލާފައިވާއިރު މި ހަމަލާ ދީފައިވަނީ އިސްރާއީލުން އެންކްލޭވް ހުރަސްކޮށް ބޮޑެތި ބޮންތައް ގޮއްވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އަދި މި ހަމަލާދީފައި ވަނީ ޣައްޒާގެ ހޮސްޕިޓަލަކާއި ޓެންޓް ކޮމްޕައުންޑަކަށް އަމާޒުކޮށްގެން ވަކިވަކިން ދިން ހަމަލާގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރުން ކަމަށްވާ އިސްމާއިލް ބަރްހޫމް އާއި ސަލާހު އަލް ބަރްދާވީލް ޝަހީދުކޮށްލިތާ ދެ ދުވަސް ފަހުންނެވެ.
ހަމައެކަނި އިއްޔެއިން ފެށިގެން އިސްރާއީލުން ވަނީ ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.




