ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ”ޖެނެރޭޝަން ބޭން“ ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަންނަ ކުދީން، އެ ކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށް“ޖެނެރޭޝަން ބޭން“ ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި“ ރައީސް ވިދާޅުވިއެވެ.
އަދި މިކަމާ ގުޅޭ އިތުރު ތަފްޞީލު ފަހުން ޙިއްޞާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުން ކަމަށެވެ.
އެގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތައް އަތްފޯރާފަށަށް ތިރިކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.



