ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ވެސް ކޮންމެ އަހަރެއްގެ މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ފަރާތުން މިއަދު މެންދުރު ގެނެސްދެއްވި ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަށް ދަންނަވާފައިވާނެކަމުގައެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށްކަމުގައެވެ.
އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
”މިފަދައިން ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދު ކުރުމުން ގިނަ ފައިދާތަކެއް ވެސް ލިބިގެންދޭ. އެގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުފާފާޅު ކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



