ރަމަޟާންމަހު ސަރުކާރުން ރައްޔިތުންނަށް، ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދެއްވުމަށް ވަރަށް އިސްކަންދޭން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ އެކު މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަމަޟާންމަހު ސަރުކާރުން ރައްޔިތުންނަށް، ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދެއްވުމަކީ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ދެކޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި، ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް، ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށް ކަމަށެވެ.
ހަމައެހެންމެ ސަތޭކަޕަސެންޓް އިސްލާމުން އުޅޭ ޤައުމެއްގައި ޚާއްޞަކޮށް، ރަމަޟާންމަހު ސަރުކާރުން ރައްޔިތުންނަށް، ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދެއްވުމަށް އިސްކަންދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭ،އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން ކުޑަކުދިންނަށް ޚާއްޞަކޮށް، އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅިގެންދާނެ“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމް ދީނުގައި އަންގަވާފައިވާކަންކަން ފާހަގަކުރުމުން ދީނަށް ލޯބިޖެހި ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެ ކަމަށެވެ.



