ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ނަމުގައި ފެއްޓެވި ޕޮޑްކާސްޓުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތައް ކުރިއަށްގެންދަވާނެ ކަމަށެވެ.
އެގޮތުން މިހާރުވެސް މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރެވެމުންދާއިރު މިހާތަނަށް 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުން ކޮށްދެމުންދާތަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރެވޭނެ ކަމަށާއި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭހެން ކޮންމެ ރަށެއްގައިވެސް މިދެ އަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރެވޭނެ ކަމަށެވެ.
އަދި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީ މަސްވެރިންނަށް މުހިންމު ކަމެއްކަމަށްވާތީ، އެކަންވެސް ހައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓޯއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމެޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




