މި އަހަރުގެ ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ދެންމެ ފޮނުއްވި މެސެޖެއްގައެވެ.
ޝަހީމްގެ މެސެޖުގައި ވިދާޅުވީ 1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށެވެ.
އަދި މި ބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމު ކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން މި އަހަރު ފިޠުރު ޒަކާތް ލިބޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
”މީގެ ކުރިން ފިތުރު ޒަކާތް ބަހަމުން އަންނަ ގޮތަކީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ“ މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި ހުރިހާ ކަންކޮޅުތަކެއްގައި އެއްކޮށް ބަހަން ނިންމާފައިވާ ކަމަށާއި މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު ކަމަށެވެ.
މި އަހަރުގެ ފިޠުރު ޒަކާތަށް މި ވަގުތާ ހަމައަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.



