މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބަލައި ނުގަތުމަށް ނިންމައިފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޝަމްއާން މަޤާމުން ވަކިކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ 22 ވަނަ ދުވަހުގެ ރޭ ގައެވެ.
އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.
މި މައްސަލައިގައި ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފުކުރަން ޝަމްއާން ވަނީ އިއްޔެ ހައިކޯޓަށް ހުށަހަޅާފައެވެ.
ނަމަވެސް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެެވެ.



