މިޔަންމާއާއި ތައިލެންޑަށް މިއަދު އެރި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ބެންކޮކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މިއަދު އިރާކޮޅުގެ ވަގުތެއްގައި މިޔަންމާއަށް އެރި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމަކާ ގުޅިގެން، ތައިލަންޑާ ހަމައަަށް ވަނީ ލޮޅުން އަރާފައެވެ. އެކަމުގެ ސަބަބުން ތައިލެންޑުގެ ބޮޑު ވަޒީރު ވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.
މި ބިންހެލުންތަކުގެ ސަަބަބުން، ބެންކޮކްގައި އިމާރާތް ކުރަމުންދިޔަ އުސް އިމާރާތެއްވެސް ވެއްޓިފައިވާ ކަމަށާއި އެތައް ބަޔަކު އިމާރާތުގެ ދަށުވިކަމަށް ރިޕޯޓުތަކުން ބުނެއެވެ. ތައިލެންޑު ފުލުހުން ބުނި ގޮތުގައި 43 މީހަކު އެ އިމާރާތު ދަށުވެފައިވެއެވެ. އޭގެތެރެއިން ދެ މީހަކު މަރުވި ކަމަށާއި ސަލާމަތް ކުރެވުނީ ވެއްޓިފައިވާ ގައުތަކު ތެރެއިން ސަލާމަތް ކުރެވުނީ އެންމެ ހަތް މީހުން ކަމުގައި ވެސް ބުނެފައިވެއެވެ.
ބޭރުގެ އެކި ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ބިންހެލުންތަކުގެ ސަބަބުން މިޔަންމާގެ ބައެއް ސިޓީތަކުގެ މަގުތައް ފަޅަފަޅައިގެންގޮސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މީގެއިތުރުން މި ބިންހެލުންތަކާ ގުޅިގެން މިޔަންމާގެ މިސްކިތެއްވެސް ވެއްޓިފައިވާ ކަމަށް ރޫޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ސަލާމަތަށްޓަކައި މަގުމައްޗަށް ނުކުމެ ތިބިކަމަށް ވެސް ބުނެފައިވެއެވެ.
މި ބެންހެލުންތަކާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.




