ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީ ކުރަން އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމްގެ ޕޯސްޓުގައި ވިދާޅުވީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީވެ، މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައި ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީ ކުރަން އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފައި ވާއިރު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުުމުގައި އެ ސެންޓަރުގެ 5 ދަރިވަރަކު ވަނީ ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައެވެ.
ޙާފިޒުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.



