އިއްޔެ މިޔަންމާއާއި ތައިލެންޑަށް އެރި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި މި އަދަދު އިތުރުވުން ގާތްކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މިޔަންމާއަށް އިއްޔެ އެރި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެ ޤައުމުން 140 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ތައިލެންޑަށް އެރި 6.4 މެގްނިޓިއުޑްގެ ބިންހެލުމުގައި އެ ޤައުމުން 6 މީހަކު މަރުވެފައިވާ ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތައިލެންޑުން މަރުވި 6 މީހުން މަރުވެފައިވަނީ، ބެންކޮކްގައި އިމާރާތް ކުރަމުންދިޔަ އުސް އިމާރާތެއް ބިމާ ހަމަވުމުގެ ސަބަބުންނެވެ.
މިޔަންމާއިން މަރުވެފައިވާ މީހުންގެ ސީދާ އަދަދު އެންމެ ފުރަތަމަ ހާމަވެފައި ނުވަނީ، މި ހާދިސާ ހިނގިއިރު އެ ޤައުމުގައި ހަނގުރާމައެއްވެސް ކުރިއަށްދާތީ، ބައެއް މައުލޫމާތު ހޯދުމަށް ދަތިތަކަކާ ކުރިމަތިވުމުން ކަމުގައި ވެސް އޭއެފްޕީން ބުނެފައިވެއެވެ.
”މަރުވި މީހުންގެ އަދަދާއި ޒަހަމްވެފައިވާ މީހުންގެ އަދަދު އިތުރުވުން ވަރަށް ގާތް“ މިޔަންމާގެ މިލިޓަރީ ހެޑް ސީނިއަރ ޖެނެރަލް މިނިސްޓަރ އޮއުންގް ލެއިންގް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މިޔަންމާއިން 730 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ތައިލެންޑުގެ ބެންކޮކުން ހަ މީހަކު މަރުވެފައިވާއިރު، 22 މީހަކު ޒަހަމްވެ 101 މީހަކު އަދިވެސް ފެނިފައިނުވާ ކަމަަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމުގައި ވެސް ބުނެފައިވެއެވެ.



