އެއްވެސް މީހަކު އަމިއްލައަށް ރީދަ އިއުލާނު ކުރުމާއި ޢީދު އިއުލާނު ކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށާއި އެހެންކަމުން މިކަމަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއްނޫން ކަމަށާއި ނަމަވެސް މިކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އަސަރުނުކުރާނެ ގޮތަށް ކަމަށެވެ.
ޚާއްޞަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއްކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކުއުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް ކަމުގައި ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ. އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން“ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަދި ފަލަކީ ޢިލްމުވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މިއަހަރުގެ ޢީދު ވާނެ ދުވަހަކާމެދު ވިދާޅުވެފައިވަނީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށެވެ.
ރައީސް މައުމޫން ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ. އެމަނިކުފާނުގެ މި ޙިޔާލާ ބައެއް ބޭފުޅުން ދެބަސްވެ، ސޯޝަލް މީޑިއާގައި ދަނީ ބަހުސްކޮށް ފާޑުކިޔަމުންނެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.




