މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަންވެސް ނާއިފް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނާއިފް ވިދާޅުވީ، މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ އެފަދަ ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެލެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.
މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތައް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމުކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަން ކަމަށާއި އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.




