ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔުމުގެ ފުރުސަތު މި އަހަރު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުގެ ޕާސްޕޯޓު އަދިވެސް ހަވާލުކޮށްފައި ނުވާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައި ޕާސްޕޯޓު ހަވާލު ނުކުރާ ފަރާތްތަކަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ހިމަނާފައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ހަައްޖު ކޯޕަރޭޝަނުން ކުރަމުންދާއިރު މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުންގެ ޕާސްޕޯޓް އެ ކޯޕަރޭޝަނާ އަދިވެސް ހަވާލުކޮށްފައި ނުވުން ކަމުގައެވެ.
”ހައްޖު ވިސާ އަށް މި ހަފްތާގައި ހުޅުވާލާނެކަމަށް އަންގާފައިވާއިރު މި މުއްދަތުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާ ޕާސްޕޯޓް ހަވާލު ނުކުރާ ފަރާތްތަކަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުން ތަކެއް އައުން އެކަށީގެންވޭ. އަދި މި ފަދަ ހާލަތެއް މެދުވެރިވެ ހައްޖު ވިސާ ނުލިބިއްޖެ ނަމަ އެފަރާތްތަކަށް ހައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ“ ޝަކީލު ވިދާޅުވިއެވެ.
ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 އިންސައްތަ ހައްޖުވެރިން މި އަހަރު އެ ގައުމަށް ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގަ އެވެ. އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް އެ އެއާލައިނާ އެކު ހައްޖު ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.



