މާދަމާއަކީ ރާއްޖެއަށް މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މާދަމާއަކީ ރާއްޖެއަށް ފިޠުރު ޢީދު ދުވަސް ކަމުގައި ހަނދު ސާބިތުކުރާ ކޮމިޓީން ވަނީ ދާދި ދެންމައަކު ކަނޑައަޅައިފައެވެ.
ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާގައި ބަޔާން އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އައްޝައިޙް މުޙައްމަދު އިމްތިތާއު ޢައްބާސް އެވެ.
އެގޮތުން އެ ޖަލްސާގައި ކޮމިޓީން ނިންމެވީ އިސްލާމީ ބައެއް ޤައުމުތަކަށް މިއަދު އިރުއޮއްސުމަށްފަހު ހަނދު ފެނިފައިވާތީ، މާދަމާއަކީ ފިޠުރު ޢީދު ދުވަސް ކަމުގައެވެ.
ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނުނު ކަމުގައިވީ ނަމަވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ހަނދު ސާބިތުވީ ކަމަށް ބެލުމެވެ. އެގޮތުން ސައުދީ އަރަބިއާއަށް ހަނދު ފެނިފައިވާތީ އެ ގައުމުން ވެސް ވަނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފަ އެވެ.
ސައުދީއާއި ރާއްޖެއަށް މާދަމާއަކީ ޢީދު ދުވަސް ކަމުގައި ކަނޑައަޅާފައިވީނަމަވެސް، އިސްލާމީ ބައެއް ޤައުމުތަކުން ޢީދު ދުވަސް ކަމުގައި ކަނޑައަޅާފައިވަނީ އަންނަ ހޯމަ ދުވަހެވެ.
އެގޮތުން އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބްރުނާއީ އަށް ޢީދު ވަނީ މިމަހުގެ 31 ވަނަ ދުވަހެވެ. މީގެއިތުރުން އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝުން ވެސް ޢީދު ދުވަސް ކަމުގައި ކަނޑައަޅާފައިވަނީ ހޯމަ ދުވަހެވެ.




