ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، ޢީދުގެ އުފާފާޅު ކުރުމަށް މިއަދު ހަވީރު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މިއަދު ހަވީރު 4:00 އިން 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކަމަށެވެ.
ނަމަވެސް އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ޚާއްސަ ސްޓިކަރ އެއް ދޫކުރެވޭނެ ކަމަށާއި އެ ސްޓިކަރ ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށިން) މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ދޫކުރާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މާލެ ސަރަހައްދުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކަމަށާއި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ޢީދު ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައި ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި އެ ހަރަކާތް އޮންނާނީ ސަލްޓަން ޕާކު ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށެވެ. ހުޅުމާލޭގާއި އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައެވެ.



