އއ. ރަސްދޫގައި މި މަހުގެ 24 ވަނަ ދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދޭން ބޭރުގެ ދެ ”ބާން ސްޕެޝަލިސްޓުން“ ރާއްޖެއައިސްފިއެވެ.
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ ޒުވާން ދެމަފިރިންނެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ.
މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އެ ހާދިސާ ހިނގި ރޭ ދަންވަރު އިތުރު ފަރުވާއަށް އެމީހުން އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގެ ވެންޓިލޭޓަރުގައި، މިހާރު ފަރުވާ ދެމުން އަންނައިރު ޑޮކްޓަރުން ވަނީ އުންމީދުކަނޑާލާފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ދެމީހުނަށް ފަރުވާދިނުމަށް ބޭރުގެ ’ބާން ސްޕެޝަލިސްޓުން’ގެ ދެ ބޭފުޅަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. މިގޮތުން ޑޮކްޓަރުންގެ އެ ޓީމުން މިހާރު ފަރުވާ ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.



