މި ޢީދު ދުވަހު އިޒްރޭލުން ޣައްޒާގެ 64 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލުމަށް މިއަހަރުގެ ޖެނުއަރީ މަހު އެއްބަސްވުމަށްފަހު ޔަހޫދީ އިޒްރޭލުން ވަނީ، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އަނެއްކާވެސް ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ.
މީގެއިތުރުން ޣައްޒާއަށް އެހީތެރިވުމަށް ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތަކުގެ ސާމާނު ހިފައިގެން ދިޔަ ޓްރަކްތަކަކަށްވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ. އެކަމުގެ ސަބަބުން އޭގައި ދަތުރުކުރަމުންދިޔަ ވަރަށް ގިނަ ބަޔަކު ގެއްލުނު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޕަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން އިއްޔެ ބުނީ، ގެއްލުނު މީހުންގެ ތެރެއިން އެ ހަމަލާގެ ސަބަބުން ގެއްލުނު ބައެއްމީހުންގެ މަރުވެފައިވާ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށާއި އެގޮތުން 8 ސިއްހީ ހިދުމަތްތެރިއަކާއި، 5 ސިވިލް ޑިފެންސް ވޯކަރަކާއި އ.ދގެ މުވައްޒަފެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެގައިވަނީ ހަނގުރާމަ ދެން ހުއްޓާލާނީ، ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި އިޒްރޭލު ސިފައިން މިނިވަން ކުރުމުން ކަމަށާއި ޣައްޒާގެ ބިންތައް އިޒްރޭލާއި އެމެރިކާއާ ހަވާލުކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރުމުން ކަމަށެވެ. ޣައްޒާގެ ރައްޔިތުންނާއި ހަމާސްއިންވެސް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.




