އަމިއްލައަށް ފިނިކުރާ ދަޅު ”ސެލްފް ކޫލް ކެން“ އުފައްދައިފިއެވެ.
މި އުފެއްދުން އީޖާދުކޮށްފައި ވަނީ ވޭލްސްގެ ކުރީގެ ބާޓެންޑަރެއް ކަމަށްވާ ޖޭމްސް ވައިސް 31އ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ފްރިޖް ބޭނުން ނުކޮށް ބުއިންތައް ފިނިކޮށް ބެހެއްޓުމުގެ ޒަމާންވީ މައްސަލަ ހައްލުކޮށްފައެވެ.
މި ދަޅު އީޖާދުކުރުމަށް މިސްޓަރ ވައިސް ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އެ ސިނާއަތުގެ މޫނު ބަދަލުކޮށްދޭނެ ޕްރޮޑަކްޓެކެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ފުރަތަމަ ވިޔަފާރީގެ ގޮތުން ކުރިއަށް ގެންދެވޭ ސެލްފް ކޫލިން ކެން އުފައްދާފައި ވާއިރު އެ ދަޅު ވަނީ ބޮޑެތި ބައެއް ބްރޭންޑްތަކުގެ ޝައުގުވެރިކަން ހޯދާފައެވެ.
”ކޫލް ކެން“ ގެ ނަމުން ނަންދީފައިވާ އަމިއްލައަށް ފިނިކުރާ ދަޅުގެ ފަހަތުގައިވާ މެކޭނިޒަމަކީ ތަންކޮޅެއް ސާދާ މެކޭނިޒަމެކެވެ.
ދަޅުގެ ފުލުގައި ހުންނަ ރިޒާވަރެއްގައި ފެން ރައްކާކޮށްފައި ހުންނައިރު، ދަޅުގެ ވަށައިގެން އެތެރޭގައި ޕްރޮޕްރިޓީ ލޮނެއްގެ ކްރިސްޓަލްތަކެއް ހުރެއެވެ. ބަޓަނަކަށް ފިތާލުމުން އެ ދެބައި އެއްވެ، ކެމިކަލް ރިއެކްޝަނެއް އުފެދި ބުއިން ފިނިކޮށްލަ އެވެ.
މި ދަޅުގެ ސައިޒް 500 އެމްއެލްގެ ބުއިން ކޮންޓެއިނަރެއްހެން ހީވި ނަމަވެސް، އިންސުލޭޓް ކޮށްފައިވާ އެތެރޭގެ ކެވިޓީގެ ސަބަބުން އޭގައި ހުންނަނީ އެންމެ 350އެމްއެލް އެވެ.
މި ހޫނު މޫސުމުގައި ލަންޑަނުގައި މި ދަޅު ޓެސްޓު ކުރަން ރާވާފައިވާއިރު، ދެ އަހަރު ދުވަހުގެ ތެރޭގައި މި އުފެއްދުން މާސް ޕްރޮޑަކްޝަނަށް ވަދެވޭނެ ކަމަށް ބެލެވެއެވެ.
އަމިއްލައަށް ފިނިކުރާ ދަޅުގެ ނަތީޖާ ހަމައެކަނި ބުއިންތަކުގެ ސިނާއަތަށް ވުރެ ފުޅާވެދާނެއެވެ. އދ.އިން ބުނާ ގޮތުގައި ދުނިޔޭގެ ކަރަންޓް ބޭނުންކުރާ މިންވަރުގެ ގާތްގަނޑަކަށް 17 ޕަސެންޓަކީ ފިނިކުރާ ވަސީލަތް ކަމަށްވާތީ، މިސްޓަރ ވައިސްގެ މި އީޖާދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑު ފައިދާއަކަށް ވެދާނެއެވެ.




