ގއ. މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ގަރާރެއްގައެވެ.
މީގެ ކުރިންވެސް މާމެންދޫގެ އިހުތިސާސްގައި އޮންނަ ހުޅިމެންދޫ އެ ރަށުގެ އިހްތިސާސްއިން އިން އުނިކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭރު އެގޮތަށް ނިންމާފައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ދޫކުުރުމަށެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.




