ނަމާދުގެ ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރަން ޖެހޭ ކަމަށާއި އުޒުރުވެރިން ތިބޭނެކަން ވިސްނަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ބައެއް މިސްކިތްތަކުގައި ދަމުނަމާދާއި ތަރާވީސް ނަމާދު ފަދަ ނަމާދުތަކުގައި ދިގުކޮށް، ކިޔަވާތީއާއި މިސްކިތް ކައިރީ ހުންނަ ގެތަކަށް އަޑުގަދަކޮށް ކިޔެވުމުން އުނދަގޫ ވާތީ ބައެއް މީހުންގެ ޝަކުވާތައް ފެންމަތިވުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައިކަން އޮތް ގޮތުގެ މައްޗަށް ފައްތައިގެން އަމަލުކުރުމަށް ދެނެގަތުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
”ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫން. އަޙްކާމްތައް ތަޠްބީޤުކުރުމަށް ދެނެގަތުން ފުދޭ“ މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ހަތެއް ޖަހާއިރު އީދު ނަމާދު ފަށާއިރު، ހަތެއް ޖަހާއިރު ތެދު ހަށަން ބަނުމުގެ ބަދަލުގައި ޖަމާއަތުގެ ސަފުތައް ތަރުތީބުކުރެވޭހާ ވަގުތު އޮއްވައި ތެދުވެ، ސަފުތައް ތަރުތީބުކުރުމަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.
ހަމައެފަދައިން ފަރުޟު ނަމާދުތައް ކުރާއިރު ވެސް، އިމާމުން ވިސްނަން ޖެހޭ ކަންތައްތަކެއް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރަން ޖެހޭ ކަމަށާއި ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުއްޖަކު ރޯއަޑުއިވިއްޖެނަމަ، ނަމާދު އަވަސް ކުރަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
އެއާއެކު، ދަމުނަމާދާއި ތަރާވީސް ނަމާދުގެ ޖަމާއަތުގައި ގިނައިރު ރުކޫއާއި ސަޖިދައިގައި ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ތިބޭނެކަން ވިސްނަން ޖެހޭ ކަމަށާއި ގަދަ އަވީގައި ނުވަތަ ވިއްސާރައިގައި ޖަމާއަތް ކުރުކުރަން ޖެހޭކަން ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.


