އއ.ރަސްދޫން ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަންހެންމީހާ ނިޔާވެފައިވަނީ މިރޭ 7:17 ގައި ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އުމުރުން 31 އަހަރުގެ އައިޝަތު ރިފްގާ އަދި އަލީ ސާމިން އެވެ. އެދެމަފިރިންނަށް އިތުރު ފަރުވާ ދިނުމަށް ހަމަ އެދުވަހު ވަނީ މާލެ ވެސް ގެނެސްފައެވެ.
ނަމަވެސް އެދެމަފިރިންގެ ހާލުވެސް ސީރިއަސް ކަމަށާއި ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ މިމަހުގެ 25 ވަނަ ދުވަހު މައުލޫމާތު ދީފައެވެ.
އައިޖީއެމްއެޗުން ކުރިން ބުނި ގޮތުގައި އެ ދެމަފިރިންނަށް ވެސް ފަރުވާ ދެމުންގެންދިޔައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރު ގައެވެ.
މި ހާދިސާއާ ގުޅިގެން އަންހެންމީހާ މިރޭ ނިޔާވެފައިވާއިރު، ފިރިހެންމީހާގެ ހާލު ވެސް ކްރިޓިކަލް ކަމަށާއި އޭނާ އަދިވެސް އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ކުރިން އެނގިފައިވާ ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިންގެ ކޮޓަރި ތެރޭގައެވެ. އެ ދެމަފިރިންގެ އަންހެން ދަރިއަކު ވެސް ހުންނަ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެކުއްޖާ އެކޮޓަރީގައި ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މާތް ﷲ އެ މަރްހޫމާގެ ފާފަ ފުއްސަވައިދެއްވައި ފުރާނައަށް ރަޙްމަތްލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ވެސް ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ




