މިދިޔަ ހުކުރު ދުވަހު މިޔަންމާއަށް އެރި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި މި ބިންހެލުމާ ގުޅިގެން މިޔަންމާގެ ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައެވެ.
އާންމުކޮށް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަކީ، ބިންހެލުމެއް އަރައިފިނަމަ އޭގެ އަސަރު ކައިރީގައި ހުންނަ ޤައުމުތަކަށް ވެސް ކުރާނެ ޤައުމުތަކެއްނަމަވެސް، ބީބީސީން ބުނެފައިވާ ގޮތުގައި މިޔަންމާއަށް އެރި ބިންހެލުމުގެ މާބޮޑު އަސަރެއް، ކައިރީގައި އޮންނަ ތައިލެންޑަށާއި ޗައިނާއަށް ކޮށްފައެއް ނުވެއެވެ.
އެގޮތުން މި ބިންހެލުމާ ގުޅިގެން ބެންކޮކްގެ އުސް އިމާރާތެއް ވެއްޓިފައިވީނަމަވެސް، އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މިޔަންމާއަށް އެރި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް 2056 މީހަކު މަރުވެފައިވާ ކަމަށާއި 3900 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި 270 މީހުން ގެއްލި، އެމީހުން އަދިވެސް ފެނިފައިނުވާތީ، ގެއްލުނު މީހުންވެސް މިހާރު ދުނިޔޭގައި ނެތްކަމަށް ޤަބޫލު ކުރެވޭ ކަމަށް މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ބުނެފައިވެއެވެ.
މި ބިންހެލުމުގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވާ ބެންކޮކްގެ އިމާރާތެއް ވެއްޓިފައިވާތީ، އެ ޤައުމުންވެސް 19 މީހަކު ވަނީ މަރުވެފައެވެ. ވެއްޓިފައިވާ 30 ފަންގިފިލާގެ އެ އިމާރާތުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާއިރު އެތަނުގެ މަސައްކަތްތެރިންގެ ތެރެއިން އަދިވެސް 75 މީހަކު ނުފެންނަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.



